އަލްއަމީރު ޙަސަން ޢިއްޒައްދީން

4320_84319174769_5811296_n
ލިޔުނީ: އަހްމަދު އަލާ ދީދީ ( ހިލާލީ އަދި ދިޔަމިގިލީ ދަރިކޮޅުން ވަޑައިގެންހުންނެވި)
.
އާދޭހެވެ ! ހެންވޭރު ގަނޑުވަރުގެ ވާހަކައަކީ އެކި ބޭބޭފުޅުން އެކިއެކި ގޮތްގޮތަށް އެކިއެކި މަޢްނާގައި ދައްކަވަމުން ގެންދަވާ ވާހަކައެކެވެ. އެއްބަޔަކަށް އެ ގަނޑުވަރުގެ ރީތިކަމާއި ފުރިހަމަކަމާއި އަދި ޢިމާރާތް ކުރުމުގެ މޮޅުކަން ފެންނަ އިރު އަނެއް ބަޔަކަށް އިވެނީ އެތަނާއި ގުޅިފައިވީ މަޝްހޫރު ވާހަކަތަކެވެ. ޢައްޔާޝީ ވާހަކަތަކާއި ރޭގަނޑުގެ ހިމޭން ވަގުތުގައި އެތަނުގަިއ ބޭއްވެމުން ދިޔަ މޫސީޤީ ފަންނާނީ ޝޯތަކުގެ ވާހަކަތަކެވެ. އެހެނަސް މިހާރަކު ” ހެންވޭރު ގަނޑުވަރެއް” ނެތެވެ. މިހާރު ފެންނާން ހުރީ މުލީއާގެއެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީ ގެ ވެރިކަމުގައި ހެންވޭރު ގަނޑުވަރު ނެތި ހިނގައްޖެއެވެ. އެހެނަސް އެ ޢިމާރާތް ޒަމާނުގެ އަތްތަކުގައި ނުޖެހި ސަލާމަތުން އަދަށް ދާން ދެންވެސް ފެންނާން އެބަހުއްޓެވެ. އަޅުނގަޑުވެސް، އަޅުނގަޑުގެ ޤަލަން މި ނެގީ ހެންވޭރު ގަނޑުވަރާއި ބެހޭ ގޮތުން އެއްޗެއް ދަންނަވާލުމަކަށް ނޫނެވެ. އެހެނަސް އެ ގަނޑުވަރު މިހާރު ފެންނާން އެހުރި ގޮތަށް ގަނޑުވަރަކަށް ވުމުގެ ސަބަބަކަށްވީ ބޭފުޅާއާއި މެދު އެއްޗެއް ދަންނަވާލުމުގެ ނިޔަތުގައެވެ. އާދެ އެއީ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފާ ނުވާނޭ ފަދައިން ދިވެހި ރާއްޖޭގެ ވަލިއްޔުލް ޢަޙްދު އަލްއަމީރު ޙަސަން ޢިއްޒުއްދީން ހެންވޭރު ގަނޑުވަރު މަނިއްޕުޅެވެ.
19384_10151241859940875_1016807480_n
ފޮޓޯ: އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތިންވަނަ އިނގިރޭސި ޢިއްޒަޔްތެރީންތަކަކާއި އެކު
.
އަލްއަމީރު ޙަސަން ޢިއްޒުއްދީން ނުވަތަ ހެންވޭރު ގަނޑުވަރު މަނިއްޕުޅަކީ ދިވެހި ރާއްޖޭގެ ސިންގާ ސަނާގައި 33 އަހަރު ރެދަނލި ކުރައްވައިގެން އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުއް ޘާލިސް ސުލްޠާނު ޖަޒާއިރި މަޙަލްދީބުގެ ހުންނެވި ހަމައެކަނި ފިރިހެން ބޭފުޅާއެެވެ. އަދި އެ ރަދުންގެ ދެލޮލުގެ ކޮއި ވެސް މެއެވެ. މަންމާފުޅަކީ އައްސައްޔިދު ކަޅުހުރާގޭ ބޮޑު ސީދީ ސިއްތިއެވެ. މި މަނިއްޕުޅު ދުނިޔޭގެ އަލކަން ދެކެވަޑައިގަތީ އިތުރު މާތް ނަބީކަލޭގެފާނުންގެ ހިޖްރައިން 1319 ވަނަ އަހަރުގެ ޝަޢްބާން މަހުގެ 5 ވީ ހޯމަ ދުވަހުގައެވެ. ( ޢީސަވީ ސަނަތުން 1901 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަސް) އޭރަކު އަދި މި މަނިއްޕުޅުގެ ބައްޕާފުޅަށް ރާއްޖޭގެ ރަސްކަމެއް ނުލިބެއެވެ. އެހެނަސް މި މަނިއްޕުޅު ވަރަށް ތުއްޕުޅު އިރުގައި މި މަނިއްޕުޅުގެ ބައްޕާފުޅު ރާއްޖޭގެ ރަސްކަމުގެ ތަޚްތަށް އިސްކޮށްފިއެވެ. އޭގެ ފަހުން މި މަނިއްޕުޅު ބޮޑުފުޅުވަމުން އައިސްފައިވަނީ އެންމެ ޝާހީ ޢިއްޒަތުގައި ޝާހީ ގަނޑުވަރުކަމުގައިވާ ބޮޑު ގަނޑުވަރުގައެވެ. އެގޮތުން މި މަނިއްޕުޅު ޚިތާނުފުޅު ކުރެއްވުނު ދުވަހާއި ޚަތިމް ކުރެއްވި ދުވަސް ފަދަ ދުވަސްތަކަކީ ވަރަށް ބޮޑު އިޙްތިފާލްތަކާއި އެކީ ފާހަގަ ކުރެއްވި ދުވަސްތަކެކެވެ. ތަޢްލީމް ދެއްވުމާއި އަދި އެހެނިހެން ކަންތައްތަށް ވެސް ހިނގަމުން ދިޔައީ އެ ޒަމާނާއި ގުޅޭ ގޮތުން އޭގެ އެންމެ މަތީ ދަރަޖައިގައޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.
307126_10150324790110875_541091155_n (1)
ފޮޓޯ: ޕްރިންސް ހަސަން އިއްޒުއްދީން
.

އަލްއަމީރު ޙަސަން ޢިއްޒުއްދީން ދިވެހި ރާއްޖޭއިން ދީނީ ޢިލްމާއި އަދި އެހެނިހެންވެސް ޢިލްމުތަށް އުނގެނި ވަޑައިގެން ވަޑައިގަތީ ސިލޯނުގެ ރޮޔަލް ކޮލަޖަށެވެ. ތަޢްލީމް ޙާސިލް ކުރެއްވުމަށެވެ. މި މަނިއްޕުޅު ތައްޔާރު ކުރައްވަމުން ގެންދެވީ ބައްޕާފުޅަށްފަހު ތަޚްތުގައި ވެޑުވޭނޭ ބޭފުޅެއްގެ ގޮތުގައެވެ. އާދޭހެވެ. ޤާނޫނު އަސާސީއެއް ހަދަން ޝަމްސުއްދީން ރަދުން ޚިލާލުފުޅު ކުރެއްވި އެންމެ ބޮޑު އެއް ސަބަބަކީވެސް ހަަމަ މި ދަރިކަލުންނެވެ. އަދި އެއިރުގެ މުލީއާގެ ހެންވޭރު ގަނޑުވަރަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތްޕުޅުވެސް ފެއްޓެވުމުގެ ސަބަބަކީ ހަމަ މި ދަރިކަލުންނެވެ. އެ ދަރިކަލުން ކިޔަވާ ވިދާޅުވެ ނިމިގެން މާލެ ވަޑައިގެން ހުންނަވާނޭ ގަނޑުވަރުކޮޅެއް ތައްޔާރު ކުރެއްވުމުގެ ބޭނުމުގައެވެ. އެހެން ގޮތަކުން ދަންނަވަނީ ނަމަ ވަލިއްޔުލް ޢަޙްދެއްގެ ރަސްމީ ގެކޮޅެއްގެ ގޮތުގައެވެ. އެ ދަރިކަލުންނަށް ދިޔައީ އެ ޒަމާނުގައި އެހެން އެއްވެސް ބޭފުޅަކަށް ނުލިބޭފަދަ ޢިނާޔަތްތަކާއި އަދި ޝަރަފުވެސް ލިބެމުންނެވެ. ޢިއްޒަތާއި ޤަދަރުވެސް މެއެވެ

.
އާދެ ، އަލްއަމީރު ޙަސަން ޢިއްޒުއްދީން ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެން ހުންނެވީ އެމަނިކުފާނަށްޓަކައި ހެއްދެވި ހެންވޭރު ގަނޑުވަރުގައެވެ. އެމަނިކުފާނުންގެ ދާއިރާއަކީ މޫސީގީ ދާއިރާއެވެ. މިއުޒިކެވެ. އެ ޒަމާނުގައި ރާއްޖޭގައި ހުންނެވި އެންމެ މޮޅު މޫސީޤާރުވެސް މެއެވެ. އަޑުފުޅާއި މަޚްރަޖުފުޅުވެސް ރީތި ތަބުލާ ޖެއްސެވުމާއި ހަރުމޯނިޔާ ކުޅުއްވުމަށްވެސް މޮޅު ފަންނާނެކެވެ. މީހުން ޝޯޚުކޮށްލުވާ ފަދަ ރީތި ރާގުތަށް ކުޅުއްވަން އެނގިވަޑައިގަންނަވާ އެކަމުގެ ހުނަރުވެރިޔެކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހެންވޭރު ގަނޑުވަރުގައި ގިނައިން އޮންނަނީ މުއިޒިކު ކުޅުމާއި ނެށުން ފަދަ މަޖާ ކުޅިވަރުތަކެވެ. އަންހެނުން ފިރިހެނުންގެ ހެނދުން އަޅައިގެން ނެށުމާއި ފިރިހެނުން އަންހެން ހެނދުން އަޅައިގެން ނެށުން ފަދަ ކުޅިވަރު ތަކެވެ. މިކަމަށް ފިރިހެނުންގެ ތެރެއިން އެންމެ މަޝްހޫރު ދެމީހުންނަކީ ދޮންކަތްދަ އަޙްމަދުފުޅާއި ދޮންކަތްދަ ޙަސަންފުޅެވެ. އަންހެނުންގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ އުކުޅަހު ދޮންކަމަނައެވެ. އަދި މީގެ އިތުރުން ބަޔެއް ޢައްޔާޝީ ކަންކަންވެސް ކުރަމުން ގެންދާ ވާހަކައަކީ ޒަމާނުންސުރެ މީސްތަކުންގެ ދޫދޫމަތިން ކިޔާ އުޅޭ ވާހަކައެކެވެ.

5452_110431669769_3961474_n

ފޮޓޯ: ޙެންވޭރު ގަނޑުވަރުގައި ނަށާ އުޅުނު ދޮންކަތްދަ ކުޑަ މުޙައްމަދު ފުޅު

އަލްއަމީރު ޙަސަން ޢިއްޒައްދީން ކައިވެނީގެ ގޮތުން ގުޅިވަޑައިގަތީ ރާއްޖޭގައި އޭރު އަދި މިހާރުވެސް ސިޔާސީ ގޮތުން އޮތް އެންމެ ބޮޑު ޢާއިލާކަމުގައިވާ އަތިރީގޭ ޢާއިލާގެ ބޭކަނބަލަކާއިއެވެ. އާގޭ ދީދި އާއެވެ. އެ ދީދީ އާއި ކައިވެނި ކުރައްވާގެން ހުންނެވި ދުވަސްވަރުގައި ވަރަށް ވިޔާނުދާ ކަންކަން ކުރައްވަމުން ގެންދެވިކަމަށް މުސްކުޅިންގެ ވާހަކަތަކުން ރިވާވެގެން ވެއެވެ. އެގޮތުން އެދީދީ ކޮޓަރިކޮޅެއްގައި ބަންދު ކުރައްވާގެން އެހެނިހެން ހިލޭ ފިރިހެނުުން އެ ދީދީގެ ގާތަށް ވައްދަމުން ގެންދެވި ވާހަކައަކީވެސް މަޝްހޫރު ވާހަކައެކެވެ. މުޙައްމަދު އަމީން ދީދީ އާއި ޙަސަން ފަރީދު ދީދީ ޝަމްސުއްދީން ރަދުން ޢަޒުލް ކުރެއްވުމަށް ބާރު އެޅުއްވި ސަބަބަކީވެސް މިއީ ކަމުގައި ބުނެވެއެވެ. މަޝްހޫރު ބޮޓަރު ބޯޓް ގަނޑުބަޑުގައިވެސް ޙަސަން ޢިއްޒައްދީން ބަޔެއް ކުޅުއްވާފައި ވެއެވެ. އެއީ ދިވެހީން މަޝްހޫރުކޮށް ކިޔާ އުޅޭ ޤާނޫނު އަސާސީ ” ވީދާލި” ދުވަހެވެ.

36651_407631445874_6248888_n

ފޮޓޯ: ކަނާއަތުން އެ އިންނެވީ ޙަސަން ޢީއްޒައްދީން

ކޮންމެއަކަސް ހެންވޭރު ގަނޑުވަރު މަނިއްޕުޅު ދިރިއުޅުއްވަމުން ގެންދެވީ ވަރަށްވެސް މަޖާ ދުނިޔަވީ ދިރިއުޅުމެކެވެ. ޔޫރަޕުގެ ގޮތްތަށް ތަޢާރަފުވެފައި ނުވާ ޒަމާނެއްގައި އެ މަނިއްޕުޅު ގެ ދިރިއުޅުން ބައްޓަން ކުރައްވާފައިވަނީ އެންމެ މުއްސަނދި ޔޫރަޕުގެ ޝާހީ އަމީރުންގެ ދިރިއުޅުއްވުން ހުންނާނޭ ގޮތަށެވެ. އަދި ކަށީގައި ހިފާފައިވާ ޠަބީޢީ “ބައްޔެއްގެ” ސަބަބުން އެ ބައްޔަށް “ލުއި ފަސޭހަ” ކަން ލިބޭނޭ އެންމެހާ އަރާމުތަށް އެ މަނިއްޕުޅު ދިޔައީ ހޯއްދަވަމުންނެވެ. އަދި އާޚިރުގައި ދިވެހި ރައްޔިތުންގެ ނުހަނު ލޯތްބާއި އިޙްތިރާމް ލިބިގެން އިންނެވި އެ މަނިއްޕުޅުގެ ބައްޕާފުޅު ކަމުގައިވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު ގެ 33 އަހަރުވީ ދިގު ރަސްކަން ނިމުމަކަށް އައީވެސް ހަމަ މި މަނިއްޕުޅުގެ ސަބަބުންނެވެ. އާދެ ! ރައްޔިތުން ނިކުމެ ބޭލީއެއް ނޫނެވެ. ވެރިކަން ހިންގަވަން ތިއްބެވި އަތިރީގޭ ބޭފުޅުންގެ ނުފޫޒުންނާއި އަދި ދަރިކަލުންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އެ ދަރިކަލުން ޖެހޭ ޙާލެއްގައި ޖެހޭން ވެގެން އަމިއްލަފުޅަށް ޢަޒުލުވެ ވަޑައިގަތީއެވެ. އެޔަށް ފަހު ދެބަފައިންވެސް އަރުވާ ލެއްވީ ފުވައްމުލަކަށެވެ. ހެންވޭރު ގަނޑުވަރު މަނިއްޕުޅު އަވަހާރަވެ ފަސްދާނުގައި ވެޑުވިފައިވަނީވެސް އެ ރަށުގައެވެ. އެ މަނިއްޕުޅު އަވަހާރަވީ އެ ޠަބީޢީ ބަލީގެ ސަބަބުން ގައިގެ ނާރުތަކުގެ ބާރުތަށް ދޫވެ ޢަސަބީ ބައްޔެއް ޖެހިވަޑައިގެން މީލާދުން 25 ސެޕްޓެމްބަރ 1940 ވަނަ އަހަރުގައެވެ. އަވަހާރަވެވަޑައިގެންނެވީ އިރު ދުނިޔޭގައި ދެ އަންހެން ދަރިކަނބަލުން އިންނެވިއެވެ. އެއީ ސަކީނާ ޢިއްޒުއްދީނާއި ފަރީދާ ޢިއްޒުއްދީނެވެ. އޭގެ ތެރެއިން އެއް އަންހެން ބޭފުޅެއްގެ ފަރާތުން ދަރިކޮޅު ހިނގާފައި އެބަ އޮތެވެ.

.

އަލާގެ ބްލޮގް

ޚިޔާލު ފާޅުކުރޭ