ދިވެހި ސަގާފީ އާއަހަރު ފާހަގަކުރުމަށް ގޮވާލަން

553265_537222209645435_1442557728_n

އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ސަގާފީ އައު އަހަރު ފެށޭ ދުވަސްކަމުގައި މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މިނިސްޓަރ އަބްދުއް ރަޝީދު ހުސައިން ވިދާޅުވެފައިވާތީ، އަޅުގަނޑު ވެސް މިކަމާއި މެދު ދެތިން އެއްޗެއް ބުނެލަން ބޭނުމެވެ.

ދިވެހިންގެ ސަގާފީ އައު އަހަރު ފެށޭ ދުވަހަކީ އައްސިދަ ނަކަތުން 7 ވަނަ ދުވަހެވެ. މީލާދީ ގޮތުން މި ދުވަސް ދިމާވަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާއެވެ. މިއީ އަބްދުއްރަޝީދު ހުސައިން މައުލޫމާތު ދެއްވާފައިވާގެތެވެ. ކޮންމެ އަހަރަކު ވެސް މި ދުވަހު ރާއްޖެއަށް ވާރޭވެހޭކަމަށް ވެއެވެ. ދިވެހިންގެ ސަގާފީ އައު އަހަރު ފާހަގަކުރުން ހުއްޓިފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގައި އައި ސިޔާސީ ބަދަލުތަކެއްގެ ތެރޭގައެވެ.

ކޮންމެ ގައުމަކަށް ވެސް އެންމެ މުހިންމު ވާން ޖެހޭނީ އެ ގައުމެއްގެ ސަގާފަތާއި ތާރީހެވެ. އެ ގައުމެއްގެ ކާބަފައިން ގެނެސްދީފައިވާގޮތެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެ ގައުމެއްގެ ސަގާފީ އާ އަހަރު ފާހަގަކުރަމުން ދެއެވެ. މިގޮތުން ޗައިނާގައި އެ ގައުމުގެ އާ އަހަރުގެ ގޮތުގައި ސްޕްރިންގ ފެސްޓިވަލް ދުވަސްފާހަގަކުރެވެއެވެ. ޗައިނީޒް މީތޮލޮޖީގައި މިއީ، ޗައިނާގެ އާއަހަރު ފެށެނީ ދަނޑުގޮވާމާއި ނައަމްސޫފިތަކަށް ހަމަލާދޭ ނިއާން ފުރޭތަ އާއި ހަނގުރާމަ ކުރާ ދުވަހުންނެވެ. އެއީ އާ އަހަރުފެށޭ ދުވަހެވެ. އިންޑިޔާ އަކީ ތަފާތު ސަގާފަތްތަކުގެ ވެރި ގައުމެއް ކަމުގައި ވާތީ އެކި ހިސާބުތަކުގައި އެކި ދުވަސްތައް ސަގާފީ އާ އަހަރުގެ ގޮތުގައި ފާހަގަކުރެއެވެ.

އަވަށްޓެރި ސްރީ ލަންކާގެ ސިންގަޅައިންނާއި ތަމަޅައިން، އަދި އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ދިވެހިރާއްޖެއާ އެންމެ ގާތުގައި އޮތް ކެރެލާ އާއި ޓެމިލްނާޑޫ އާއި ޒަމާނުއްސުރެ ދިވެހިންނާ ގާތް ގުޅުމެއް އޮތް އޮރިއްސާ އާއި ބަންގާޅުގައި އެމީހުންގެ އާ އަހަރު ފަށަނީ އޭޕްރީލް 14ގައެވެ.

ދިވެހިން އޭޕްރީލް 14ގައި ފަށާ އާ އަހަރު ދުވަހަށް ކިޔާ އުޅުނީ ބިހުރޯޒް ދުވަސް ނުވަތަ މުލަބަތް ސާގު ދުވަސްކަމުގައިވެއެވެ. ރޯޒްއަކީ ފާރިސީ ބަހުން ދުވަހެވެ. ބިހޫ ނުވަތަ ވިހޫ އަކީ އިންޑިޔާގެ އާސާމް ހިސާބުގެ އާ އަހަރަށް ކިޔާ އުޅޭ ނަމެވެ. މިއީ އެ ހިސާބުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ.މި ލިޔުމާއި ގުޅުން ހުރި މައުލޫމާތުކޮޅަކަށް ވާތީ ހިއްސާކޮށްލީއެވެ.

ބިހުރޯޒް ކަމަނާ މިސްކިތަށް އެނަން ދެވިފައި ވަނީ ވެސް މި ދުވަހާއި ގުޅުވައިގެން ކަމަށް ވެއެވެ. މިއީ ޔަގީން ކުރެވެން ނެތް މައުލޫމާތެކެވެ. ކޮންމެ އަކަށް ދަންނަވަން މިއުޅޭ ވާހަކައަކީ މި ސަރަހައްދުގެ ގިނަ ގައުމުތަކަށް، އަދި ދިވެހި ރާއްޖެއަށް ވެސް ސަގާފީ އާ އަހަރު އަންނަނީ އޭޕްރީލް މަހުގެ މެދުތެރޭގައި ކަމެވެ. އެ ދުވަސް އިހުގައި ފާހަގަކުރަމުން އައި ގޮތަށް ނުވަތަ ބަދަލުތަކަކާއި އެކު ކަމަށް ވިޔަސް ފާހަގަކުރުމުގެ މުހިންމުކަމެވެ. މިއީ ސަގާފީ ކުޅިވަރުގެ ދުވަހަކަށް ވެސް ހެދިދާނެއެވެ.

ދިވެހިންގެ ޝަރަފާއި ފަހުރަކީ އެތައް ހާސް އަހަރުވީ ސަގާފަތާއި ދިވެހި ތާރީހެވެ. އެވޭލާ ކާބަފައިންގެ ޒަމާނުއްސުރެ މިއަދާ ހަމައަށް ދިވެހިންނަށް ލިބިފައިވާ މިނިވަންކަމާއި އަމިއްލަ ވަންތަ ކަމަކީ ދިވެހިންގެ ފަހުރެވެ. މި ފަހުރު ދެމެހެއްޓުމުގެ ގޮތުން ދިވެހި ސަގާފީ އާ އަހަރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ދިވެހި ރާއްޖޭގައި ފާހަގަ ކުރުމަކީ ކޮންމެ ހެންވެސް ކުރން ވެއްޖެ ކަމެކެވެ. މިއީ، ފަތުރުވެރިކަމަށް ވެސް އޭގެ ފައިދާ ނުހަނު ބޮޑަށް ކުރާނެ ކަމެކެވެ.

2 Comments

  1. Mauloomaathu muhsan’dhi liyumeh 🙂

    Varah ran’galhu vaahaka eh. Gina dhivehinnah dhivehi sagaafee aa ahareh onna kan ves neygun ekasheegenvey. Ahaalan beynunvaa vaahaka akee, mi mauloomaathu lucasjalyl hoadhanee kihineh thoa. Liyunkolhuge thiriah mauloomaathuge aslu thah aruvaalaafa hurun ran’galhu vaane kamah feney. Eiy liyun kiyaa meehun ithurah dhiraasaa kuran beynun viyas, mauloomaathu hoadhaanee kon thaakun, kon gothakah thoa en’geynethee 🙂 Dhivehi sagaafathaa beheygothun mauloomaathu hoadhumakee maa faseyha kameh kamah heenuvaathee mihen mi bunee.

    Mi blog varah kamudhey (Y)

  2. މުންޝިއަށް ޝުކުރިއްޔާ! މި މައުލޫމާތަކީ އެކި ބޭބޭފުޅުން ދެއްވާ މައުލޫމާތު. މި ބްލޮގްގައިވާ ރައިވަރާއި އަދި އިހުގެ ބައެއް ވާހަކަތަކަކީ މުސްކުޅިންގެ ކައިރިއަށް ގޮސް އޮޅުންފިލުވާފައިވާ މައުލޫމާތު.

ޚިޔާލު ފާޅުކުރޭ