ވާތީ ސިކުނޑި ލެވި ފޮށްޓަކަށް

images
ނޯޓް: މިއީ ޔޫސުފް މުހައްމަދު ފުޅުގެ ޅެމެކެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވިފައިވާ އަދި ވިސްނުމާއި ފިކުރުކުރުމުގެ މިނިވަން ކަމަށް އެކި ނަންނަމުގައި ހުރަސްއަޅަމުންދާ ދުވަސްވަރެއްގައި މިއީ ކިޔާލަން ވަރަށް މުހިންމު ޅެމެކެވެ.

މުތީގެ ބެލުނީ ތޮށްޓަކަށް ރީތީގެ ލެވުނީ ކޮށްޓަކަށް

 ޒާތީ މިހެރުނީ ކަށްޓަކަށް ވާތީ ސިކުނޑި ލެވި ފޮށްޓަކަށް

ރަންފެނި ލޮލަށް ރަންހެން ވިދާ ދޮންއަނގުރު އެތެރޭގާ އަނދާ

ވަންނަންދުވީ ދޮރުއަށްޓަކަށް ވާތީ ސިކުނޑި ލެވި ފޮށްޓަކަށް

ޖެހުނީ ނަޒަރު ގަތުމަށް އޮބައި ޒަހަރަށްވުރެން ހިތި މާ ނުބައި

ގަހުގާ ވެލީ ދޮންބައްޓަކަށް ވާތީ ސިކުނޑި ލެވި ފޮއްޓަކަށް

ރަން ކުރުވި ރަންދާނޭ ހިތާ ތަންވަޅު މި އެރުނީ ހުސްއަތާ

ފަންޔެއް ކަތުރު އެޅި އަށްޓަކަށް ވާތީ ސިކުނޑިލެވި ފޮއްޓަކަށް

ކެވިގެން ބަޔަކު ވައިލީފަހުން ހެވިގެން އަރާ އިނދެ ކޭމަކުން

ލެވުނީ އަތެއް ހުސްތަށްޓަކަށް ވާތީ ސިކުނޑި ލެވި ފޮށްޓަކަށް

އެދުމުން ފުރުނު ބެނދިގެން ހިތެއް އެދުވަހު ނުދެވުނީ ޙުރުމަތެއް

 ހެދިހުރި މިވެއްޔާ މަށްޓަކަށް ވާތީ ސިކުނޑި ލެވި ފޮށްޓަކަށް

ލޮލަކަށް ވުމުން ސިފަބައްޓަމެއް އަލަކުން ނުފޯރީ ވިސްނުމެއް

ބޮލަކަށް އަރާނޭ ގުއްޓަކަށް ވަތީ ސިކުނޑިލެވި ފޮށްޓަކަށް

  –

ކުރެވޭ ދަތުރު މަޖަލޭ ހިތާ އެރުނީ ސަވާރީއޭ ހިތާ

ނަރުނެތް ދެފުރޮޅުގެ ވޮށްޓަކަށް ވާތީ ސިކުނޑި ލެވި ފޮށްޓަކަށް

ފިތިފާއޮތުން ނޫނީކަމެއް ނެތިފާވި މިނިވަން އެއް ކަމެއް

މަތިވީ ކުނބުރުކަށި ވެށްޓަކަށް ވާތީ ސިކުނޑި ލެވި ފޮށްޓަކަށް

 –

ހައިވީ ހިތެއް ދެވުނީ މުޅިން “ހައިކޮޅު” މައެއްކުރި ދިރިއުޅުން

ކައި ހުސްކުރާނޭ މުގޮށްޓަކަށް ވާތީ ސިކުނޑި ލެވި ފޮށްޓަކަށް

3 Comments

ޚިޔާލު ފާޅުކުރޭ