ދުނިޔެ އަޅާ ދިޔަ ދެބޯ ދޫނި

image002

ދެބޯދޫނީގެ ވާހަކައަކީ އިހުގެ ކާބަފައިންގެ ޒަމާނުއްސުރެ ކިޔަމުން މިއަދަހަމައަށް އައިސްފައިވާ ހިޔާލީ ވާހަކައެކެވެ. ދެބޯ ދޫންޔަކީ ކޮބައިކަން ގިނަބަޔަކަށް ނޭނގުނު ނަމަވެސް މިސާލުބަހެއްގެގޮތުގައި މިހާރުވެސް ދެބޯ ދޫނި ދުނިޔެއަޅާ ދިޔަގޮތަށް ދުނިޔެއަޅާ ދާންވީއޭ ކިޔާއުޅެއެވެ. ތިރީގައި މިވަނީ ދެބޯދޫނީގެ އަސްލާއި ބެހޭގޮތުން ކުރެވިފައިވާ ކުރު ދިރާސާއެކެވެ. އަދި ދިވެހިން ކިޔާ އުޅޭ ދެބޯދޫނި ފޯކްލޯރ ވާހަކައެވެ. ދެބޯދޫނި ދުނިޔެއަޅާ ދިޔަކަމަށް އެހެން އެއްވެސް ގައުމެއްގެ ފޯކްލޯރ އިންފެންނާން ނެތްނަމަވެސް ދިވެހިންނާއި ހަމައަށް މި ވާހަކަ އައިސްފައިވާނީ އަވަށްޓެރި ގައުމަކުން ކަމަށް ބެލެވެއެވެ.

ހިޔާލީ ދޫނިތައް:

ދުނިޔޭގެ އެކި ހަޟާރަތްތަކުގައި ހިޔާލީ ދޫނިތައް މީހުންގެ ގަބޫލުކުރުންތަކުގައި ގެންގުޅެފައިވެއެވެ. މިހާރުގެ ޒުވާން ކުދިންނަށް މިގޮތުން އިނގޭނެ އެއް ދޫންޔަކީ ފީނިކްސްއެވެ. މިއީ ފުރާވަރުގެ ކުދިންގެ މެދުގައި މަގްބޫލް ހިޔާލީ ދޫންނެކެވެ. ފީނިކްސްގެ އަސްލު އައިސްފައި ވަނީ ގަދީމީ ގްރީކް ހަޟާރަތުންނެވެ. ފީނިކްސް އަކީ ތާއަބަދަށް ދިރިހުރުމުގެ ރަމްޒެއްގެ ގޮތުގައި ބެލެވެއެވެ.

އަނދައި އަޅިއަށް ވުމަށް ފަހު އަޅިތަކުގެ ތެރެއިން އާ ފީނިކްސްއެއް ނުކުމެގެންދެއެވެ. ގްރީކުންނަށް ފަހު ފުރަތަމަ ސައްތައިގެ ނަޞާރާއިން އެބައި މީހުންގެ ދީނީ ރަމްޒެއްގެ ގޮތުގައި ވެސް ފީނިކްސް ބޭނުންކޮށްފައިވެއެވެ.

685px-Phoenix-Fabelwesen

-ފޮޓޯ: ދިރިހުރުމުގެ ރަމްޒު ފީނިކްސް

މިފަދަ އަނެއް ދޫންޔަކީ ފާރިސީންގެ ހިޔާލީ ދޫނި ސިމާރޤްއެވެ. މިއީ ފާރިސީ އަދަބިއްޔާތާއި ކުރެހުންތަކުގައި މުހިންމު ދޫންޔެކެވެ. ސިމާރޤް ފާރިސީންގެތެރޭގައި ފަހުން ބޭނުން ކުރެވިފައި ވަނީ ސޫފީންގެ ޅެންތަކުގައެވެ. މަޝްހޫރު ފާރިސީ ސޫފީ ޅެންވެރިޔާ ފަރީދުއްދީން އައްތާރުގެ ދޫނިތަކުގެ ސައްލާ ޅެމުގެ އެންމެ މުހިންމު ދޫންޔަކީ ސިމާރޤްއެވެ. މި ޅެމުގައި ވާގޮތުން ހުރިހާ ދޫންޔެއް އެއްވެ އެ ދޫނިތަކުގެ ރަސްގެފާނަކަށް ދޫންޔެއް އިންތިހާބް ކުރަން ބޭނުންވެއެވެ. ހުރިހާ ދޫންޔެއްވެސް ނިންމީ ސިމާރޤް ރަސްކަމަށް އިސްކުރުމަށެވެ. ސިމާރޤް ހޯދަންކުރި ދަތުރުން ސިމާރޤް ނުފެނި ހުރިހާ ދޫންޔަކަށް ވެސް އިނގުނީ އެއިން ކޮންމެ ދޫންޔަކީ ވެސް ސިމާރޤް ކަމެވެ. މިއީ ސޫފީ އެންލައިޓްމެންޓްއެވެ.

QazwiniSimurgh

ފޮޓޯ: ފާރިސީންގެ ހިޔާލީ ދޫނި ސިމާރްޤ

މިފަދަ އަނެއް ދޫންޔަކީ ގަދީމީ މިސްރުގެ ބެންނޫއެވެ. މިއީ އުފެދުމާއި އަލުން ދިރުމާއި ގުޅިފައިވާ ދޫންޔެކެވެ. ފީނިކްސްގެ އަސްލަކީ މި ދޫނިކަމަށް ބައެއް ދިރާސާތަކުގައިވެއެވެ.

benu4

ފޮޓޯ: މިސްރުގެ ފީނިކްސް ބެންނޫ

ދުނިޔޭގެ އެކި ވެރިކަންތަކުގެ ރަމްޒެއްގެ ގޮތުގައި ދެބޯ ދޫނި ނުވަތަ ދެބޯ ލީ ބާޒު ބޭނުންކުރެވިފައިވެއެވެ. ދެބޯދޫނީގެ އަސްލު  އައިސްފައިވަނީ ގަދީމީ ހިއްތީންގެތެރެއިންނެވެ. ހިއްތީންގެ ސިއްކައިގެ ގޮތުގައި ދެބޯދޫނި ބޭނުންކުރެވިފައިވެއެވެ. މިއީ އެބައިމީހުންގެ ރަސްގެފާނުންގެ ސިއްކަކަމުގައި ވެދާނެއެވެ. ހިއްތީންގެ ވެރިކަން އޮތީ އީސާއީ ސަނަތުގެ 7 ހާސް އަހަރާއި 20 ހާސް އަހަރާ ދެމެދުގައެވެ.

image084

ފޮޓޯ: ހިއްތީންގެ ދެބޯ ދޫނި

ހިއްތީންނަށް ފަހު ދެބޯދޫނި  ނިޝާނެއްގެގޮތުގައި ފެނިފައި ވަނީ ރޯމަނުންނާއި ބީޒަންޓައިން ދައުލަތާއި ރަޝިޔާ ރަސްކަމުގައެވެ. ގަދީމީ މިސްރާއި މެސެޕޮޓޭމިއާއިން ވެސް ދެބޯ ދޫނީގެ ބިންވަޅު ނަގާފައިވާ ކުރެހުންތައް ފެނިފައިވެއެވެ. ދިވެހިންނާއި އެންމެ ކައިރިން އިންޑިޔާގެ މައިސޫރު ރަސްކަމުގެ ރަމްޒެއްގެ ގޮތުގައި ވެސް ދެބޯދޫނި ގެންގުޅެފައިވެއެވެ. ސަލްޖޫކް ރަސްކަމުގެ ނިޝާނެއްގެ ގޮތުގައި ވެސް ދެބޯދޫނި ގެންގެޅެފައިވެއެވެ.

GBerunda

ފޮޓޯ: މައިސޫރު ރަސްކަމުގެ ނިޝާން

ތިރީގައި މި ވަނީ ދުނިޔޭން ދެބޯ ދޫނި ނެތިގެން ދިޔަގޮތްކަމަށް ދިވެހި ފޯކްލޯރގައި ބުނާ ގޮތެވެ.

” ވަރަށް ކުރީ ޒަމާނެއްގައި ދުނިޔޭގައި ދެބޯދޫނި ކިޔާ ދެބޯލާފައި ހުންނަ ދޫނިތަކެއް އުޅުނެވެ. މިއީ ވިސްނުންތޫނު ދޫންޔެކެވެ. އަދި އޭރުވެސް މަދުއެއްޗެކެވެ. މިހާރު ދުނިޔޭން ވަނީ މި ދޫނި ނެތިފައެވެ. ދުނިޔެ އަޅާ އެހެން ތަނަކަށް ހިޖުރަކޮށްފައެވެ.

އެއްދުވަހަކު ދެބޯދޫނި ޖަންގަލީގައި ގަހެއްގެ ގޮފިގަނޑުގައި ޖައްސާލައިގެން ހިތް އުފާކޮށްލަން އިނެވެ. އެއީ ވަރަށް ހިތްފަސޭހަ ރީތި ދުވަހެކެވެ. ދޫނިތައް ލަވަ ކިޔާއަޑާއި ގަސްތަކުގެ ގޮފިތައް ވަޔާ ނަށާތަން ބަލަން ދެބޯދޫނި އިނެވެ.

އިރުކޮޅަކުން ދެބޯ ދޫންޔަށް ފެނުނީ ގަސްކަނޑާ ފުރޯއެއް ހިފައިގެން އައި މީހެކެވެ. އެ މީހާ އައިސް ކައިރީ ހުރި ދިގު ރުކެއް ކަނޑަށް ފަށައިފިއެވެ. ރުއް ކަނޑަން ފެށިއަޑަށް ވަލުތެރޭގައި ނިދާފައި އޮތް ސިންގާއަކަށް ހޭލެވިއްޖެއެވެ. ސިންގާ ތެދުވެ އެ މީހާ އާއި ދިމާއަށް ފުންމައިގަތެވެ.

“އަހަރެން ކަލޭ ކާލަން މި އުޅެނީ. ކަލޭ އަހަރެން ނިދިން ހޭލައްވާލައި. މިހާރު މިހުރީ ބަނޑުހައި ވެފަ” ސިންގާ ރުޅި އައިސްފައި ބުންޔެވެ.

އެ މީހާ ބިރުން ރުއް ކަނޑަން އުޅުނު ފުރޯ ބިންމައްޗަށް ވައްޓާލިއެވެ.

“އަހަރެން ކާ ނުލާ. އަހަރެންގެ ޒުވާން އަންބަކު ހުރޭ. އޭނަ ބަނޑުބޮޑު. ދަރިފުޅު ވިހަން ވާއިރަށް ގެއެއް އަޅަން ޖެހޭ” އެ މީހާ ބުންޔެވެ.

“ކަލޭ ދިރިއުޅޭ އަވަށް ގަނޑަށް ގޮސް ކަލޭމެންނާއި އަހަރެން އުނދަގޫ ކޮށްފިނަމަ ކަލޭމެން އަހަރެން މަރާލާނެ. މިހާރު ކަލޭ ތިއައީ އަހަރެންގެ ޖަންގައްޔަށް އުނދަގޫކުރަން” ސިންގާ ބުންޔެވެ.

“އަހަރެން ޖަންގައްޔަށް މި އައީ އުނދަގޫ ކުރާކަށް ނޫން. ހަމައެކަނި ލަކުޑިކޮޅެއް ބަލާ. ކަލޭ ހޭލައްވާލުމަކީ އަހަރެންގެ ނިޔަތެއް ނޫން. އަހަރެން ކަލެއަށް އިހުތިރާމް ކުރަން. އަހަރެން އަޑުއަހާގޮތުގައި ކަލެއަކީ ޖަންގަލީގެ ރަސްގެފާން. ހުރިހާ ޖަނަވާރަކަށް ވުރެ ބާރުގަދަ މަތިވެރި” އެ މީހާ ސިންގާގެ ކިބައިން މާފަށް އެދެމުން ބުނެޔެވެ.

ތައުރީފުގެ ބަސްތައް އަޑު އިވިފައި ސިންގާގެ ރުޅި މަޑުވެއްޖެއެވެ. އަދި އިތުރަށް  ސިންގާއަށް ސަނާ ކިޔާ އަޑު އަހަން ބޭނުންވިއެވެ.

“ކާކު ބުނީ އަހަރެންނަކީ ޖަންގަލީގެ ރަސްގެފާނޭ؟”

“ވަރަށް ގިނަ އިންސާނުން ބުނޭ އެހެން. އިލްމުވެރިންނާއި ބުއްދިވެރިން، ކަލޭ އެދޭނަމަ އަހަރެން ކަލެއަށް ގެއެއް އަޅައި ދޭނަން.”

“އަހަރެންނަށް ގެއެއް؟”

“އާން! ޖަންގަލީގެ ރަސްގެފާން ހަމަ ފެންނަ ކޮންމެ ތަނެއްގައި ނިދައިގެން ނުވާނެ. ގެއެއްގެ ތެރޭގައި ނިދުމުން ހޫނު ދުވަސްދުވަހު ފިނިވާނެ. ވިއްސާރަ ދުވަސް ދުވަހު ނުތެމި ނިދޭނެ”

ސިންގާއަށް މި ހިޔާލު ވީ ވަރަށް މޮޅު ހިޔާލަކަށެވެ. އެ މީހާ ވަލުތެރެއިން ލަކުޑިކަނޑައި ސިންގާއަށް ގެއެއް އަޅަން ފެށިއެވެ. އިރުކޮޅެއްގެ ތެރޭގައި ލަކުނޑި ކަނޑާ މީހާ ސިންގާއަށް ކުޑަގެއެއް (ކޮށާރެއް) ހަދައިފިއެވެ. އެ މީހާ ފިލައިގެން ދޭތޯ ފާރައަށް ސިންގާ އޮތެވެ. އަދި ގެ އަޅާ ނިމުނުތަން ފެނުމުން އުފަލުން ހަޅޭ ލަވައި ގަތެވެ.

“ވަރަށް ރީތި” ސިންގާ ބުންޔެވެ.

“އާދޭ މިގެ ބަލަން. އެހެން ޖަނަވާރުތައް ވަނަ ނުދިނުމަށް ދޮރެއްވެސް ހުންނާނެ. ގޭގެ އެތެރެއަށް ވަދު ހިތްހަމަ ޖައްސާލާ”

ސިންގާ ވަގުތުން ގޭގެތެރެއަށް ވަނެވެ. ބޭރުގައި ހުރި ލަކުޑި ކަނޑާ މީހާ ސިންގާ ގެގަނޑަށް ވަނުމުން ދޮރު ލައްޕާ ސިންގާއަށް ބޭރަށް ނުނުކުމެވޭގޮތް ހެދިއެވެ. ސިންގާއަށް ސިންގާގެ މޮޔަކަން ވިސްނި ރުޅި އައިސްގެން ހަޅޭލަވަން ފެށިއެވެ. އަދި އެ މީހާގެ ކައިރީ ދޫކޮށްލަން އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އެ މީހާ އަޅާ ނުލާ ފުރޯ ކޮނޑަށް ލައިގެން އަވަށްގަނޑަށް ހިނގައްޖެއެވެ.

ސިންގާ އަށް ކުރިމަތިވި އަނިޔާވެރިކަން ވީ އިތުރެވެ. އިރުކޮޅަކުން ލަކުޑި ކަނޑާ މީހާ އޭނާގެ މާބަނޑު އަންހެނުންނާއި އެކު އަތުވެއްޖެއެވެ. އަންހެން މީހާގެ އަތުގައި ހޫނު ފެން ސައިކުރައެއް އޮތެވެ. އަންހެން މީހާ ސިންގާ އޮތް ގެ ގަނޑުގެ މަތީގައިވާ ބާގަނޑުން ހޫނުފެންތައް ސިންގާގެ ގަޔަށް އޮއްސާލިއެވެ.

“މަކަރުވެރި ސިންގާ! ކަލޭ އުޅުނީ މަގޭ ފިރިމީހާ ކާލާން. މިއީ އޭގެ އަދަބު. ދެން އޮވޭ” އަންހެން މީހާ ބުންޔެވެ.

ވޭނާއި ތަދުގައި ސިންގާ ރޮއެ ރޮއެ އޮތެވެ. ލަކުޑި ކަނޑާ މީހާ އާއި އޭނަގެ އަންހެނުން ސިންގާ ވޭނީ މަރެއްގައި ހިތާމަޔާއި ކެކުޅުމުގައި މަރުވާން ދުކޮށްލާފއި އަވަށްގަނޑަށް ހިނގައްޖެއެވެ.

ގަހުގެ ގޮފިގަނޑެއްގައި މި މަންޒަރު ބަލަން އިން ދެބޯދޫނި ހިތާމައިން ބުންޔެވެ.

“އިންސާނުންނަކީ ކިހާ އަނިޔާވެރި މަކަރުވެރި ވިސްނުން ތޫނު ބައެއް” ދެބޯދޫނި އިންސާނުންގެ އަނިޔާވެރިކަމާއި ވިސްނަން އިނދެފައި ގޮތެއް ނިންމާ އަޑުން އަޑު ނަގާ ގޮވަން ފަށައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ދެބޯ ދޫނިތައް ގަސްދޮށަށް ޖަމާވެއްޖެއެވެ.

“ކީއްވެ އަހަރުމެންނަށް ގޮވީ، ހީވަނީ ކަމެއް ވަރަށް ގޮސްވެއްޖެހެން؟” ދޫނިތައް އެހިއެވެ.

ދެބޯދޫނި އެހެން ދެބޯދޫނިތަކަށް ގެ ގަނޑުގައި ވޭނުގައި ރޮމުން މަރުވަމުން ދާ ސިންގާ ދެއްކިއެވެ. އަދި ސިންގާއަށް ދިމާވި ހިތްދަތިގޮތް ކިޔައިދިނެވެ.

“އިންސާނާއަކީ ނިކަމެތި އެއްޗެއް. އެކަމަކު ބަލާބަލަ އެ މީހާ ޖަންގަލީގެ ރަސްގެފާން  ގަދަފަދަ ސިންގާއަށް ހަދާލިގޮތް” ދެބޯދޫނި ބުންޔެވެ.

“އަހަރެންގެ ނަސްލުގެތެރެއިންވާ ދޫނިތަކާ! އިންސާނުންގެ އަނިޔާވެރިކަމާއި މަކަރުވެރިކަން އަހަރެންގެ ހަތަރު ލޮލުން ފެނިއްޖެ. އަހަރެން ގޮތެއް ނިންމައިފިން. މިފަދަ އަނިޔާވެރި ނުބައި މަހުލޫޤްތަކަކާ އެއް ދުނިޔެއެއް ހިއްސާކުރާކަށް އަހަރެން ބޭނުމެއް ނޫން. އިތުރަށް އިންސާނުންގެ އަނިޔާވެރިކަން އަހަރުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ލިބެން އަހަރެން ނޭދޭތީ، އަދި އަބަދުވެސް ހުރިހާ ދެބޯ ދޫންޔަކަށް ހެޔޮގޮތް އެދޭތީ  ހަމަ މިހާރު މި ދުނިޔެ ދޫކޮށް އެހެން ތަކަށް ދާން އަހަރެން ނިންމައިފިން.

ހުރިހާ ދެބޯދޫނިތައް ހިތްދަތިކަމާއި އެކު އަޑުއަހަން ތިބެ ދުނިޔެ ދޫކޮށްދާން އެއްބަސްވިއެވެ. ހުރިހާ ދޫނިތަކެއް މައްޗަށް އުދުހިގަތެވެ. ދުނިޔެ ކުނބުރަކަށް ވަންދެން މައްޗަށް މައްޗަށް އުދުހިފައި ހިނގައްޖެއެވެ. އަދި ދާގަސް ކިޔާ ގަހަކަށް ތިރިކުރިއެވެ. މިއީ މި ދުނިޔެއިން ބޭރުގައި ހެދޭ ގަހެކެވެ. މިހާރުވެސް ދެބޯ ދޫނިތައް އުޅެނީ މި ގަހުގައެވެ.”

މިއީ ދެބޯދޫނި ދުނިޔެ އަޅާ ދިޔަގޮތެވެ.

މައުލޫމާތު: އިންޓަނެޓް ސަފްހާތައް

ދެބޯދޫނި ވާހަކަ: ފޯކްޓޭލްސް އޮފް މޯލްޑިވްސް – ޒޭވިޔާ

1 Comments

  1. ވާހަކަ ނުހަނު ފައްކާ
    އެކަމަކު ލިޔުންތެރިޔާއަށް ސުކުން ކުރާށާ ހަމަތަުގެ މަތިން ލިޔަކަށް ނޭނގެ!
    ދޫނި- ދޫންޏެއް
    އިނގެ އެވެ. -އެނގެ އެވެ.
    އަދިވޗެސް ފަރުވާތެރިވެ ލައްވާތީ ބަހުގެ ޤަވާއިދާޢި ހަމަޔަށް ވިސްނާ ވަޑައިގަނނަވާތީ

ޚިޔާލު ފާޅުކުރޭ