ސާރާ

tumblr_mk9yh4RhUf1r38m8do1_500

އަހަރެން ކަނދުގަނޑެއް މަތީގައި ބޯއަޅާލައިގެން އުޑުގައި ދަތުރުކުރަމުންދާ ވިލާތަކަށް ބަލަން އޮތީމެވެ.

އަހަރެންގެ ދެ ކުދިން ރާޅުޖަހާ ފަށުގައި މޫދަށް އެރިގެން މަޖާކުރަނީއެވެ.

އޭނާ އަހަރެންގެ ފަހަތުގައި ހުއްޓިގެން ހުރެދާނެއެވެ. ދެކުދިން ކައިރިއަށް ހިނގައިދާނެއެވެ.

އަހަރުމެން ދެ މީހުން އުޅުނީ އެހާ ގާތްކޮށެވެ.

ސާރާ! ސާރާ!

ކުއްލިއަކަށް އެ ހުރިހާކަމެއް ބަދަލުވީ ކީއްވެހެއްޔެވެ؟

ސާރާ! ސާރާ!

ކިތަންމެ އިރަކުވެސް ތިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވިދާނެއެވެ. ތި ރީތިކަން ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

އަހަރެންގެ ދެ ކުދިން ދޮންވެލިގަނޑު މަތީގައި ކުޅެން އުޅުނު އުފާވެރިކަން އަދިވެސް ހިތުގައި އާލާވެއެވެ.

މޫދަށް އެރި ބަނޑިޔަލަށް ފެންފުރާނެއެވެ. ދެކުދިން ގަޔަށް ފެން ޖަހަމުން ދުވާނެއެވެ.

އަތުގައި ހުރި ބޮލިތައް އުކާލާނެއެވެ. ދުވެގޮސް ހޭޅިފަށަށް ވަދެ ފިލާނެއެވެ.

ސާރާ! ސާރާ!

ތިއީ އަހަރެން އިއްފަތްތެރި ފަތްމިންޔެވެ. ހަޔާތުގެ ފޮނިކޮޅެވެ.

ސާރާ! ސާރާ!

ތިއީ ރަންފައުނެކެވެ. ރޫހީ އުފާ ހޯދަދޭ ލޯބިވެރިޔާއެވެ.

ކާނިގަސްތަކުތެރޭ އަތިރިމަތީގައި ނިދަން އޮށޮވެއޮތީމެވެ. ހީފިލުވަން ކައިރީގައި އަލިފާން ގަނޑެއް ޖެހީމެވެ.

ނިދަން ނޯވެވިގެން ކައިރީގައި ހުރި އޮޑިހަރުގެއަށް ވަދު ދަންވަރު ބޭލި ރާބަދިން ރާކޮޅެއް ބޯލީމެވެ.

އަހަރެންގެ ކުޑަ ދެކުދިންނަށް ސާރާ ސަންތި މަރިޔަނބު ވާހަކަ ކިޔައިދިނެވެ. އެކުދިން އަދިވެސް ބޭނުންވަނީ މޫދަށް އެރޭށެވެ.

ސާރާ! ސާރާ!

އެ ދުވަސްތައް ހަނދާން ނެތޭނެ ހެއްޔެވެ؟

ސާރާ! ސާރާ!

ލޯބިވުމަކީ ކުށެއްކަމުގައި ދުވަހަކުވެސް ނުދެކޭނަމެވެ.

ރަށުތެރެއިން ސަންގުފުމޭ އަޑު އަދިވެސް އިވޭކަހަލައެވެ.

އެރޭ ނިންޖެއް ނައެވެ. ކިރު ދޫނިތައް އުދުހެމުން ނާނާ ކިޔަމުން ދިޔައެވެ. އަހަރެން “ކެތި ނަކަތުގެ ވިއްސާރަ” ޅެން ލިޔަން އިނީމެވެ.

ސާރާ! ސާރާ!

ކޮންމެ ތާކަށް ދަތުރުކުރަމުން ދިޔަޔަސް އަހަރުމެން ވަތްކެއްނުވަމެވެ.

ސާރާ! ސާރާ!

އަހަރެންގެ ހިތުގެ ދޮންހިޔަލައެވެ.

ސާރާއާއި ބައްދަލުވީ ކިހިނެއް ކަމެއް ނޭނގެއެވެ.

ފުސްނަކަތުގެ ޝަބްނަމް ފައިބަމުން ދިޔަ ރޭތަކުގައި އަހަރެންނާއި އެކު ވީމެވެ.

ހަނދުވަރު ރީތިރޭރޭ ތުނޑިކޮޅުގައި ތަރިތައް ގުނަން ތިބީމެވެ.

މިހާރެ އެ ތުނޑިކޮޅުފެންނަނީ ފަޅުކޮށެވެ. އެ ހަނދާންތައް މާދުރުން ފެނެއެވެ.

ގޮޑުދޮށުގައި ވީރާނާވަމުންދާ ބައްތެލި އޮޑިއެއް ފެނެއެވެ.

ސާރާ! ސާރާ!

އަހަރެންގެ ކަނބާފާނެވެ.

އަހަރެން ދޫކޮށްފައި ނުދާށެވެ.

ޚިޔާލު ފާޅުކުރޭ