Lucas writes

history culture literature politics

ފާފު އަތޮޅު ހިމިތީ އަދި ނިހާސްކީ ރާއްޖެ

himithee

 ފާފު އަތޮޅު ހިމިތީ އަކީ ހިސާބު އިލްމާއި ނަކަތްތެރިކަމާއި ނުޖޫމީ އިލްމުގައި ރާއްޖޭގައި އެންމެ ކުރިއަރައިގެން ދިޔަ ރަށެވެ. ހިމިތީގެ ރަންޒަމާނުގައި ބަންގާޅު ދަތުރުކުރާ 7 ފުރެއްދު އޮޑި ހިމިތީގައި ދުއްވިކަމަށް ވެއެވެ. ހިމިތީ މީހުންނަކީ މުރާލި ހީވާގި އިލްމީ ބައެކެވެ. ހިމިތީ މީހުން މަޝަހޫރުވެފައިވަނީ ބޮޑު އަކުރު ލިޔުމަށާއި ނަކަތްތެރިކަމަށާއި ހިސާބު އިލްމަށެވެ. އަހަރުގެ ހުރިހާ ދުވަހަކަށް ބޭނުން ކުރެވޭ ގޮތަށް ރާހި ތަކާއި ނަކަތުންވާ ދުވަސް އިނގޭނެ ތާވަލް، ރޫމީމައިލު ވެސް ތައްޔާރުކުރަމުން ދިޔައީ ހިމިތީގައެވެ.

 މިހާރު ވެސް ރާއްޖޭގެ މަޝްހޫރު މާލިމީންނާއި ހިސާބު އިލްމުގެ މޮޅު އެތައް ބޭފުޅުންނެއް ހިމިތީ ދަރިކޮޅުތަކަށް ނިސްބަތްވެއެވެ. އިނގިރޭސި ވިލާތުން ތައްޔާރުކުރި މަޝްހޫރު ހިސާބު އިލްމުގެ ފޮތް ނޫރީން ކުށް ކެނޑުއްވި މަޝަހޫރު ތުއްތު ސާހިބު ވެސް ނިސްބަތް ވަނީ ހިމިތީއަށެވެ. ތާރީޚް އިލްމުވެރިޔާ އިބްރާހީމް ލުތުފީ ލިޔުއްވާ ގޮތުގައި ހިމިތީގައި 1800 ގެ އަހަރުތަކުގައި ނިޔަމިކަން ކިޔަވައިދޭ މަދަރުސާއެއް ހިންގިއެވެ. މި ލިޔުމުގައި ބަލާލާނީ ހިމިތީ މުސްކުޅިން ހިމިތީ ފަޅުވާން ދިމާވި ސަބަބާއި އަދި ހިމިތީއަށް ހިސާބު އިލްމު އައިގޮތުގެ މައްޗަށް ބުނެއުޅޭ ވާހަކަތަކަށެވެ. މި ލިޔުން ލިއުމަށް ހިމިތީ ދަރިކޮޅުތަކަށް ނިސްބަތްވާ ބައެއް މީހުންނާއި ބައްދަލުކުރީމެވެ. އަދި އަހުމަދު އަލާ ދީދީ އެއްކުރައްވާފައިވާ މައުލޫމާތާއި އަލްފާޟިލް އަބްދުﷲ ޞާދިގު ހިމިތީއާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމަކުން މައުލޫމާތު ނެގީމެވެ.

ހިމިއްޗަށް ހިސާބު އިލްމު އައިގޮތް:

25

ހިމިތީން ފެނިފައިވާ ކުރެހުން އެޅި ގަލެއް

ވާހަކަ ނަގުލުވެފައިވަނީ މިގޮތަށެވެ.

 އެއްޒަމާނެއްގައި ދުނިޔޭގައި މާ ހިސާބު ޢިލްމަށް ކުރި އަރާފައިވާ ރާއްޖެއެއްވިއެވެ.  ނަމަކީ ނިހާސްކީ ރާއްޖެއެވެ. އެއީ މާކުރި އަރާފައިވާ ޙަޟާރަތެއްގެ ވެރި ބަޔަކު އުޅޭ ރާއްޖެއެކެވެ. މިހެންކަމުން މިރަށުގެ އަހުލުވެރީންގެ ޚަބަރު އޮޅުންފިލުވުމަށްޓަކައި މާތް ﷲ ޖިބްރީލުގެފާނުން އެރަށަށް ފޮނުއްވިއެވެ. ޖިބްރީލުގެފާނުން އެރަށަށް ވަޑައިގެން  އެރަށުގެ ޚަބަރު އޮޅުން ފިލުއްވުމަށްޓަކައި މަދަރުސާ ދޮށުން ދޮށި ހިފައިގެން ކޮންމެ ދުވަހަކުވެސް މަސް ބާނަން ގޮސް އުޅޭ ސޮރަކާއި ސުވާލު ކުރެއްވިއެވެ. ކަލޯއެވެ، ޖިބްރީލް ކޮބައިހެއްޔެވެ. އެ ސޮރު ދޮށީ ކޮޅުން ބިންމަތީގައި ހިސާބު ހަދާފަ ދެންނެވި ކަމުގައި ވަނީ މި ދުނިޔޭގައި އެބަ އުޅޭ ކަމަށެވެ. ޖިބްރީލު ގެފާނު ދެންނެވިއެވެ. އަދި ތިޔަވަރަކުން ނުފުދެއެވެ. ދެން އަނެއްކާވެސް އެ ސޮރު ދޮށީ ކޮޅުން ބިންމަތީގައި ހިސާބެއް ހަދާފައި ބުންޏެވެ، މިރަށުގައި އެބައުޅެއެވެ. ދެންވެސް ޖިބްރީލުގެފާނުން ދެންނެވީ އަދި ތިޔަ ވަރަކުން ނުފުދޭ ކަމުގައެވެ. ދެން މި ސޮރު ދޮށީ ކޮޅުން ހިސާބު ހަދާފައި ދެންނެވިއެވެ. ” ކަލޭ ނޫނީ މަށެވެ” ދެން ﷲ ޖިބްރީލުގެފާނަށް އެރަށް ބަންޑުން ޖައްސަވާލެއްވުމަށް އަމުރު ކުރައްވާ އެރަށް  ނެތި ކުރެއްވިއެވެ. އަދި އެރަށުގެ ހިސާބުފޮތުގެ ބަނޑޭރި ގަނޑު ލައްވީ ނިލަންދެ އަތޮޅު ހިމިއްޗަށް ކަމުގައި ކިޔާ އުޅެއެވެ. ހިމިތީ މީހުން ހިސާބު ޢިލްމު ދަސްކުޅައީ ނިހާސްކީ ރާއްޖޭގެ މީހުންގެ ހިސާބުފޮތުންނޭ ބުނެއެވެ.

ނިހާސްކީ ރާއްޖެ އަކީ ކޮބާ؟:

17

ހިމިތީ މަހާނަ ގަލެއް

ބުނެއުޅޭ ގޮތުގައި ނިހާސްކީ ރާއްޖެއަކީ މީގެ އެތަކެއް ސަތޭކަ އަހަރުކުރީން އޮތް މާ ޢިލްމީ ޝަހަރެކެވެ. ތަމައްދުން އާއި ތަހްޒީބުގައި މާކުރިއަރާފައިވާ ޝަހަރެކެވެ. އެމީހުންގެ އެންމެ ޚާއްސަ ދާއިރާއަކީ ހިސާބު ޢިލްމެވެ. އެ ޢިލްމު ބޭނުންކޮށްގެން އެމީހުންނަށް ކޮންމެ ކަމެއްވެސް ކުރެވިދާނެކަމުގައި ބުނެއުޅެއެވެ. މިހެންވުމުން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ޖިބްރީލްގެފާނުން އެރަށަށް ފޮނުއްވިކަމުގައި ކިޔާއުޅެއެވެ. އެމީހުން ހިސާބަށް މޮޅުވެގެން ގޮސް ރޫޙާނިއްޔަ ޢާލަމްތަކާއިވެސް ކުޅޭ ހިސާބަށް ދިޔުމުން ޖިބްރީލް ގެފާނުން ފޮނުއްވީކަމުގައި ކިޔާއުޅެއެވެ.

ނިހާސްކީ ރާއްޖެ ނުވަތަ ނަހާސްކީ ރާއްޖެ އާއި ބެހޭ ގޮތުން ތާރީހް އިލްމުވެރިޔާ ހަސަން އަހުމަދު މަނިކު ލިޔުއްވަނީ، ނަހާސްކީ ރާއްޖެ އަކީ ފަންޑިތަ ހަނދާ މީހުން ރަށެއް ފަޅުކޮށްލުމަށް ނުވަތަ ނައްތާލުމަށް ކުރަހައި އުޅޭ ރަށެއް ކަމަށެވެ.

އެޓްލާންޓިސް:

ގްރީކް ފަލްސަފާވެރިޔާ ޕްލާޓޯ (އަފްލާތޫން) ބީސީން 360 ވަނަ އަހަރު އެޓްލާންޓިސް ގެ ނަން ދީފައިވާ ރަށެއްގެ ވާހަކަ ލިޔުއްވާފައިވެއެވެ. ޕްލާޓޯ ލިޔުއްވާގޮތުގައި މިއީ ބީސީން ދިހަވަނަ ސާސްކަފުގައި ކުރިއަރައިގެން ދިޔަ ރަށެކެވެ. ނުވަތަ ހަޟާރަތެކެވެ. އަދިވެސް ޕްލާޓޯ ލިޔުއްވާ ގޮތުގައި އެޓްލާންޓިސް ނެތިގެން ދިޔައި ރެޔަކާ ދުވާލުންނެވެ. ބަދުނަސީބުން ފުރިގެންވާ ރޭގަނޑެއްގައެވެ.

ހިމިތީ ފަޅުވުން:

33

ވީރާނާ ވެފައިވާ ހިމިތީ

ހިމިތީ ފަޅުވީ 14 މެއި 1970 ގައި އެރަށުގައި އެންމެ ފަހުން ތިބި 24 މީހުން އެރަށް ފަޅުކޮށްފައި ފޭބުމުންނެވެ. ހިމިތީ ގިނަ މީހުން ހިޖުރަކޮށްފައިވަނީ މާލެ އަތޮޅު މާ ފުއްޓާއި، ފާފު އަތޮޅު ފީއައްޔާއި ނިލަންދޫއަށެވެ. ހިމިތީ މީހުންނަށް ހިމިތީ ފަޅުވާނެކަން ކުރިން އިނގޭކަމަށް ކިޔާއުޅެއެވެ. ހިމިތީ އެއް ޖީލުން އަނެއް ޖީލަށް މި ވާހަކަ ނަގުލުވަމުންގޮސްފައިވެއެވެ. އެ ވާހަކައިގައި ބުނެވެނީ ހިމިތީ ކައިރިން ފިނޮޅެއް އުފެދި ހިމިތީ ފަޅުވާނެ ކަމަށެވެ. ހިމިތީ ފަޅުވި އިރު ކައިރިން ފިނޮޅެއް އުފެދިފައިވެއެވެ. އަދި ހިމިތީ 1970ގެ ފަޅުވުމާއި ހަމައަށް އޭގެ ކުރިން ހިމިތީގައި އުޅެމުން އައި މީހުން މި ފިނޮޅު އުފެދޭތޯ ބަލަމުން ގޮސްފައިވެއެވެ.

ހިމިތީ ބޮޑުގޭ ބޮޑުދައިތަ (ދޮންދައިތާ)ގެ ނިމުތު

21A_6

ހިމިތީ ބޮޑު ދައިތާ އަކީ މޫސުމުގެ ނިމުތު (މޫސުން ލަފާކުރާގޮތް) އާއި ވޮނަދޮނަ ނުވަތަ ރަށްތައް ވޮޑިގިރާގޮތް އޮޅުންފިލާފައިވާ ނަކަތް ރާއްސާ ބެހޭ އިލްމުވެރިއެކެވެ. ހިމިތީ ފަޅުވުމާއި ބެހޭގޮތުން ބޮޑުދައިތާ ބުނާކަމަށް ވަނީ ހިމިތީ ފަޅުގެ އިރު އުތުރުފަރާތުގައި ދުރުތުން ފިނޮޅެއް އުފެދޭނެއެވެ. މި ފިނޮޅު ބޮޑުވެގެން އައިސް ފިނޮޅުގެ ނަމަކަށް ތޮފެސްދޫ ކިޔޭނެ ކަމަށެވެ. ފިނޮޅު އައިސް ހިމިއްޗާއި ގުޅި ހިމިތި ގިރައި ކުރިން ހިމިތި އޮތް ތަނުން މަސްބައިގެން ކައި އުޅޭނެކަމަށެވެ.

ބޮޑު ދައިތާގެ ވާހަކަ ފަހުން ތެދުވީއެވެ. ހިމިތީ ކައިރިން ފިނޮޅެއް އުފެދި ހިމިތީއާއި ގުޅުނީއެވެ. އަދި އެއަށް ފަހު ހިމިތީ ފަޅުވެގެން ދިޔައީއެވެ. ބޮޑު ދައިތާ ބުނާކަމަށް ވަނީ އާބާދުވެފައިވާ ރަށްތަކުގެތެރެއިން ވަކި ފަރާތަކުން މަޖުބޫރު ކުރުމަކާއި ނުލާ މީހުން ކޮޅު މަދުވަމުން މަދުވަމުން ގޮސް ފަޅުވާނެ ފުރަތަމަ ރަށަކީ ހިމިތީ ކަމަށެވެ. ހަމައެގޮތަށް ވ. ތިނަދޫ ވެސް ފަޅުވާނެ ކަމަށެވެ. ބޮޑު ދައިތާ އުޅުއްވި ޒަމާނެއް އިނގޭކަށް ނެތެވެ. ބޮޑު ދައިތާގެ ވާހަކަ ތުން ތުން މަތިން ނަގުލުވަމުން އައިސްފައިވަނީއެވެ.

ހިމިތީ ބޯހުނި އަލިބެ ޒިޔާރަތް:

10

ހިމިތީ ބޯހުނި އަލިބެ ޒިޔާރަތް

ހިމިތީ ދިވެހިން އިހްތިރާމް ކުރާ މުގައްދަސް ރަށަކަށް ވެގެން ދިޔައީ އެ ރަށުގައި ޝެއިހް އަލިބެ ނުވަތަ ބޯހުނި އަލިބޭބެގެ ޒިޔާރަތް ހުރުމުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ މީހުން ނަދުރު ފުއްދުމަށް މި ޒިޔާރަތަށް އާދެއެވެ. ހިމިތީ ޒިޔާރަތް ދޮށުގައި މީހުން ކިރުމަށް ބޭނުންކުރީ ވަރަށް މޮޅަށް ތައްޔާރުކޮށްފައި ހުންނަ ބޯހުންޔެވެ. ހިމިތީ މީހުން ތައްޔާރުކުރާ މި ބޯހުނި ދެ މަސްދުވަހަށް ނުބައި ނުވެހުރެއެވެ.

އަލި ބޭބެ އާއި ބެހޭގޮތުން ހިމިތީ މީހުން ކިޔާ ވާހަކައެއްގައި ވަނީ: އަލިބޭބެ ބޮޑު އަށި މަތީގައި ކާން އިނދެފައި އައްޓާއި ގޭގެ ބިތާ ދޭތެރެއަށް އަތްލައިގެން އެތައް އިރެއްވާން ދެން މަސައްކަތެއް ކުރާންއިނެވެ. އަލިބޭބެ އަށް މާނޭވާ ލެވެއެވެ. މިތަން ބަލަން އަލި ބޭބެގެ މަންމަ ދުރުގައި އިނެވެ. ބިތް ދޭތެރެއިން އަލިބޭބެ އަތް ނެގި އިރު އަލިބޭބެ ލައިގެން ހުރި އަތްދިގު ލިބާހުން  ފެންފައިބާތަން މަންމައަށް ފެނިއްޖެއެވެ.

އަލިބޭބެ މަންމަ: ދަރިފުޅާ ތިޔޯ ތިޔޯ؟ ތިޔަ ކުރަނީ ކީއް؟ ކޮން ފެނެއް އެ ފައިބަނީ އަތްކުރިން؟

އަލިބޭބެ: މިއުޅެނީ ބަންގާޅު ކޯރުގެ ބަނދަރުގައި އަޅާފައި އޮތް އޮޑިއެއް ފުރާންވެގެން ނަގިލި ނުނެގިގެން މަށަށް ގޮވާވަރުން. އެ ނަގިލި ނަގައިދިނީ. މިހާރު އެ އޮޑި ރާއްޖެއާއި ދިމާއަށް އެބަ ދަތުރުކުރޭ

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Information

This entry was posted on ޖަނަވަރީ 14, 2014 by in އެވޭލާ،ފޯކްލޯރ،ތާރީޚް،ސަހުޝިއްތު.
%d bloggers like this: